Dhivehi Translation of An Open Letter from a Laadheenee Dhivehi Woman

Translated by @ekoemikoe

ލާދީނީ ދިވެހި އަންހެނެއްގެ ސިޓީ
 
 

ލޯބިވާ ދިވެހި އަންހެނުންނަށް،

މިއަދު، ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހު، އަހަރެން މި އިނީ ކަނުއަނދިރީގައި  ލާދީނީ ފެމިނިސްޓުންގެ(1) މޭޒުދޮށުގައި ސިޓީއެއް ލިޔާށެވެ. ސިޓީއެއް މިލިޔަނީ ދައްކަންޖެހޭ ލައްކަ ވާހަކަ ހުރީމައެެވެ.ތިޔަ އިވުނީ އެންމެ ރަނގަޅަށެވެ.ލައްކަ ބައިވަރު ވާހަކައެއް ދައްކަން ހުރީވިއްޔާއެވެ.

މިހާރު ތިޔަ އަހަނީ ލާދީނީ ފެމިނިސްޓުންގެ މޭޒުދޮށުގައި، ކަނު އަނދިރީގައި އެކަނިމާއެކަނި އަހަރެން އިނީ ކީއްވެތޯއެވެ. އަހަރެންނާ ޖެހިގެން ހެދިކާ ކޮޅެއް ވަގަށް ނަގައިގެން އައިސް އިން ކުޑަ އަންހެން ކުއްޖެއްވެސް އެބައިނެވެ. އިތުރު ތަފްސީލަށް ދިޔުމުގެ ކުރިން، މޭެޒެއްގެ ވާހަކަ އަހަރެން މާގިނައިން ދައްކާކަން ފާހަގަވިނަމަ، އެކަމަށް މާފަށް އެދެމެެވެ. މިދައްކާ މޭޒުގެ ވާހަކަ ފަހަރެއްގައި އިނގިދާނެއެވެ.އަންހެނުންގެ ހައްގުތައް ކަށަވަރުކުރުމަށް މަޝްވަރާގެ މޭޒުދޮށަށް އެކި ފުރަފުރައިގެ އަންހެނުން އަރާ އުޅޭވާހަކަ އަޑުއަހަމުތޯއެވެ؟ އެކަން އެހެން  އޮތް އިރު، އަހަރެން މި އިނީ ލާދީނީ ފެމިނިސްޓު މޭޒު ދޮށުގައި އެކަނި މާއެކަނި، އެކަނިވެރިވެފައެވެ. މިހެން އިންނައިރު، އެއްކަލަ ފެމިނިސްޓުންގެ މޭޒަދޮށަށް ވަރަށްގިނައިން އަހަރެންެގެ ނަޒަރު ދާކަން ފާހަގަވެއެވެ.އަދި އެމޭޒުން ބޭރުވެ މިމޭޒުދޮށަށް އަހަރެންނަށް އާދެވުނު ސަބަބާމެދު ވިސްނާލެވެއެވެ. އެ މޭޒުދޮށުގައި ތިބޭ އަންހެނުންނާ ދިމާލަށް އަހަރެން ކިތަންމެ ވަރަކަށް ހަނަ އަޅާހެދިޔަސް، އެމީހުންނަށް އަހަރެން ފެންނަކަމަކަށްވެސް، އަދި އަހަރެންގެ އަޑުއިވޭކަމަކަށްވެސް ނުވެއެވެ. ހައިރާނެއް ނުވާނެހެއްޔެވެ؟ އަހަރެންނަކީ ލޮލަށް ނުފެންނަ ރޫހެއްބާއެވެ؟ މިހިސާބަށް ކަންތައްތައް ދާން މިޖެހުނީ ކީއްވެބާއެވެ؟

އަހަރެެންނަކީ ދުވަހަކުވެސް ބޮޑާކަމާއެކު އަމިއްލަ މީހާގެ ކިބައިގައި ހުރި، ރަނގަޅުކުރެވިދާނެ މައްސަލަތަކާ މެދު، ނުވިސްނާ ހުންނަ މީހެއް ނޫނެވެ. އެހެން ކަމުން މިދިމާވެގެން އުޅޭ މައްސަލައަކީ ފަހަރެއްގައި އަހަރެންގެ ކިބައިގައި ހުރި ޠަބީއީ މައްސަލައެއްތޯ ވިސްނާ ފިކުރުކޮށްލެވުނެވެ. ކައްޗައް އެޅި ބިންގަލެއް ކެއްޗާ ހަމައަށް ނެގިޔަސް ހުންނާނީ ކައްޗަށޭ ބުނެ އުޅެއެއްނުން ހެއްޔެވެ؟ ކޮންމެއަކަސް އަހަރެންނަކީ ބައިސެކްޝުއަލް(2)، އެއްވެސް ދީނެއް ގަބޫލު ނުކުރާ ދިިވެހި އަންހެނަކީމުއެވެ. އަހަރެން ދިވެއްސަކަށް ވާއިރު، މީގައިވާ ފުށުއަރާ ކަމަކީ، ދިވެހިރާއްޖޭގެ  ގާނުނުއަސާސީ ބުނާގޮތުން އަހަރެންނަކީ ދިވެއްސެއް ނޫނެވެ. މިތާގައި”ވާ”މީހެއްނޫނެވެ.

ދިވެހި ރައްޔިތުކަމުން އަހަރެން މިވަނީ މަހުރޫމު ވެފައެވެ. އަހަރެންގެ އުފަން ބިމުގައި މިނިވަންކަމާއި ހުރުމަތްތެރިކަމާއެކު ދިރިއުޅުމާއި ލޯބިވުމަކީ އަހަރެންނަށް ލިބިފައިވާ ހައްގުތަކެއް ނޫނެވެ. ވޯޓެއްވެސް ނުލެވެއެވެ. ވަޒީފާއަދާކޮށް މަސައްކަތެއްވެސް ނުކުރެވެއެވެ. މަޖިލީސް އިންތިހާބަކަށްވެސް ކުރިމައްޗެއް ނުލެވެއެވެ. ލޯބިވާ މީހާގެ އަތުގައި ހިފައިގެން ބޭރަށްވެސް ނުނިކުމެވެއެވެ. އަހަރެންގެ ޒާތީ ތަޢައްސުބާއި އަމިއްލަވަންތަކަން ގުރުބާންކޮށް، ނުވާ މީހަކަށް ހެދިގެން، މިބުނި ހުރިހާ ކަމެއް ކުރުމުގެ އިޚްތިޔާރު އަހަރެންނަށްވެސް އެބައޮތެވެ. އަހަރެން ނުވާ މީހަކީ ސިސްޖެންޑަރ(3)، މުސްލިމް، ދިވެހި އަންހެނަކަށެވެ.

ކްލިޝޭއަކަށް(4) ވިޔަސް ވާހަކައެއް ބުނެލާނަމެވެ. މާޒީ ހަނދާން ނައްތާލި މީހުން ތާރީީޚު އަލުން އިޔާދަ ކުރުވާނެއެވެ. މީގެ 170 އަހަރު ކުރިން 1851ވަނަ އަހަރު ބޭއްވުނު އެމެރިކާގެ އޮހާޔޯ ވިމެންސް ރައިޓްސް ކޮންވެންޝަންގައި ސޯޖޯނަރ ޓްރުތު ދެއްކެވި ވާހަކައަށް ބަލައިލަމާތޯއެވެ. (ޓްރުތަކީ، އެމެރިކާގައި ކަޅު ނަސްލުގެ މީހުން ނަސްލީ އިމްތިޔާޒުގެ ތެރެއިން އަޅުވެތިކޮށް އުޅުނު ދުވަސްވަރު އުޅުނު އަޅު އަންހެނެކެވެ. ނަސްލީ އިމްތިޔާޒު ނިމުމަކަށް ގެނެސް، ކަޅު ނަސްލުގެ މީހުން މިނިވަންކަމަށް  ކުރި ދަތުރުގެ ކުރީ ސަފުގައި މަސައްކަތް ކުރެއްވި ހިތްވަރުގަދަ މީހެކެވެ). އެ ވާހަކައަކީ އެމެރިކާގައި ވޯޓުލުމުގެ ހައްގު އަންހެނުންނަށް ހޯދައިދިނުމާއި ދޮން އަންހެނުންގެ ފެމެނިސްޓް ހަރަކާތްތައް ފުރަތަމަ ފަހަރަށް ހިނގި ދުވަސްވަރުގައި، އެމެރިކާގެ ކަޅު އަންހެނުންގެ ހައްގުތަކާ ބެހޭގޮތުން ދެކެވުނު ވާހަކައެކެވެ.


 

“ހުރިހާ ކުދިންނޭވެ. މާ އަަޑުގަދަ ވަންޏާ އާދަޔާ ޚިލާފަށް ކަމެއް ހިނގަނީކަންނޭނގެއެވެ. އަހަރެންނަށް ހީވަނީ (އެމެރިކާގެ) ދެކުނުގެ ކަޅު އަންހެނުންނާއި (އެމެރިކާގެ) އުތުރުގެ އަންހެނުން، ހައްގުތަކުގެ އޮލަ ވާހަކައެއްގައި މިހެން ތިއްބާ، އިސާހިތަކު ދޮން ފިރިހެނުން ނިކަން ރުޅިގަދަވެދާނެހެންނެވެ. އެކަމަކު، މިތާގައި މި ދެކެވެނީ ކޮން ވާހަކައެއް ހެއްޔެވެ؟

އަންހެނުންނަކީ ނިކަން އިއްޒަތާއެކު ސަވަާރީތަކަށް އަރުވައިދޭންޖެހޭ، ތަންތާ މަތިން އުފުލައިދޭންޖެހޭ، އެންމެ ފުރިހަމައަށް ގެންގުޅެންޖެހޭ  ބައެކޭ، އެތާ އެހެރަ ފިރިހެނާ އެބަ ބުނެއެެވެ. އެކަމަކު އަހަރެން ސަވާރީއަށް އަރުވައިދީ، ޗަކަގަނޑު މަތިން ގެންގޮސްދީ، އިއްޒަތާއެކު ގެންގުޅޭނެ މީހަކު ދުވަހަކުވެސް ނުވެއެވެ. އަހަންނަކީ އަންހެނެއް ނޫންހެއްޔެވެ؟ އަހަންނާ ދިމާލަށް ބަލައިލަ ބަލާށެވެ. އަހަރެންގެ އަތް މި އޮތް ހާލަށް ބަލައިލަ ބަލާށެވެ.ބިންގަނޑު ކޮނެ، ބިން ގޮވާންކޮށް، ގޮވާން ކަނޑައި ގޮވާން އެއްކޮށް މިހެދީ (މި އަތުން) އަހަރެންނެވެ. އަހަރެންނަށް ވުރެ މިކަމުގައި ފިރިހެނަކުވެސް ކުރިއަރައި ނުދެއެވެ. އަހަރެންނަކީ އަންހެނެއް ނޫންހެއްޔެވެ؟ ފިރިހެނަކު ކާ ވަރަށް އަހަންނަށްވެސް ކެވެއެވެ. އަދި މަސައްކަތް ކުރާވަރަށް އަހަންނަށްވެސް ކުރެވެއެވެ. އަދި -އެއިން ގައިގައި ތަޅާއިރު- އެއްތެލުގެ ތެޅުންވެސް އަހަންނަށް ތަހައްމަލު ކުރެވެއެވެ. އަހަރެންނަކީ އަންހެނެއް ނޫންހެއްޔެވެ؟ ބަނޑުއަޅައި ވިހި ތޭރަ ދަރިން ތަންމަތި މަތިން ވަގަށް ނަގައިގެން ގެންގޮސް، އަޅުވެތިކަމަށް ވިއްކާ ހުސްކުރިއިރު، މި މައި މީހާ ކަރުނަ އަޅާ ރުއި ރުއިން، ކަލާނގެ ފިޔަވާ އަޑުއެހި މީހަކު ނުވެއެވެ. އަހަރެންނަކީ އަންހެނެއް ނޫންހެއްޔެވެ؟

ސިކުނޑީގައި މިވާ އެއްޗަށް މީހުން ކިޔާ އުޅެނީ ކީކޭއެއްޔެވެ؟ “އިންޓެލެކްޓް”(5) – ޖައްލާކުރާ މާލަމުގައި އަޑުއަހަން އިންމީހަކު ޖަވާބު ދިނެވެ. ކަނބުލޮ ތިޔަބުނީ ރަނގަޅަށެވެ. އެކަމަކު، ތިޔަ ބުނި އެއްޗާއި، އަހަރެންގެ އަދި ދޮން އަންހެނުންގެ ހައްގުތަކާ އޮތް ގުޅުމަކީ ކޮބައިބާއެވެ؟ އަހަރެންގެ ޖޯޑު ދެބައިކުޅަ އެއްބަޔަށް ފުރައިދޭއިރު، އަދި ތިބާގެ ޖޯޑު ފުރެންދެން އަޅައިދޭއިރު، ތިބާ އަހަރެންގެ ޖޯޑަށްވެސް އެތިފޮދެއް އަޅައި ނުދޭންވީ ކީއްވެގެން ހެއްޔެވެ؟

އެހެން ބުނިތަނާހެން، ކަޅުހެދުމުގައި އެތާ އެހެރަ ކުޑަ ފިރިހެން މީހާ އެބަ ބުނެއެވެ: ‘ފިރިހެނުންނާ އެއް ހަމައެއްގައި އަންހެނުންނަށް ހައްގުތަކެއް ނުލިބޭނެއެވެ. ޚުދު، ޖީސަސް އަކީވެސް ފިރިހެނެކެވެ. ‘ކަލޭމެންގެ ތިޔަ ޖީސަސް އައީ ކޮންތާކުން ހެއްޔެވެ؟  ކަލޭމެންގެ ތިޔަ ޖީސަސް އައީ ކޮންތާކުން ހެއްޔެވެ؟ ކަލާނގެ، އަދި އަންހެނެއްގެ ފަރާތުންނެވެ! ފިރިހެނެއްގެ އެއްވެސް ރޯލެއް އޮވެގެނެއް ނޫނެވެ.

ކަލާންގެ އުުފެއްދެވި ފުރަތަމަ އަންހެނާއަށް އެކަނި މާއެކަނި ދުނިޔެ [އިންސާނިއްޔަތު] އެފުށް މިފުށަށް ޖަހާލެވުނުއިރު، މިތާ މިތިބަ އަންހެނުން އެކުގައި އެއްބާރުލައިގެން، މިފުށް އެފުށަށް ޖަހައި ކަންކަން ރަނގަޅު މަގަށް ނޭޅުވޭންވީ ސަބަބެއް ނެތެވެ. މިހާރު އެ އަންހެނުން މި އެދެނީ އެކަން ކުރުމަށެވެ. އަދި ފިރިހެނުން މިކަަމަށް ހުރަސް އަޅައިގެނެއް ނުވާނެއެވެ.

އަޑު އެއްސެވީތީ ޝުކުރިއްޔާއެވެ. މި މުސްކުޅި ސޯޖޯނަރ އިތުރަށް ބުނާނެ ވާހަކައެއް ނެތެވެ.”



އަހަރެން ތަހައްމަލު ކުރި އެއްޗެއް، ސޯޖޯނަރ ޓްރުތުގެ ދިރިއުޅުމާ އެއްފަދަ ކުރަނީއެއް ނޫނެވެ. އެހެންނަމަވެސް، އަނދިރި ލާދީނީ ފެމިނިސްޓު މޭޒުދޮށުގައި އެކަނި މިހެން އިންނައިރު، އަދި ފަހަރަކު ހެދިކާއެއް ހަފާލައިގެން ކަމުންދާ އަޑު އިވެމުން ދާއިރު، ޓްރުތުގެ ޚިޔާލުތަށް އަހަރެން މި ވިސްނާ ވިސްނުމާއި ވަރަށް އެއްގޮތްކަން ފާހަގަ ކުރެވެއެވެ. އެއީ، އޭނާގެ ޒަމާނުގައި، ދޮން އަންހެނުންވެސް ދިޔައީ މިންތީގެ ހަމަހަމަކަމަށް ގޮވާލައި، ދޮން ފިރހެނުންނާ އެއްހަމައެއްގައި ހައްގުތައް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެކަމަކު، ކަޅު އަންހެނުން އަޅުވެތިކުރުވުމުގައި ދޮން ފިރިހެނަކާ ދޮން އަންހެނެއްގެ ދެމެދު މާ ބޮޑު ތަފާތެއް ނުފެނެއެވެ. ކަޅު އަންހެނެއްގެ ހައްގުގައި ދޮން އަންހެނަކު ތެދުވިތަނެއް ނުފެނެއެވެ. އެކަމަކު ދޮން އަންހެނުން އުޅުނީ [ދޮން] ފިރިހެނުންގެ “ޕެޓްރިއާކީ”(6) ނެތިކޮށްލާށޯއެވެ!

އެހެންނޫންނަމަ، ދޮން ފިރިހެނުންގެ ޕެޓްރިއާކީ ރުއްސައި، ދޮން ފިރިހެނުންގެ އިއްޒަތާއި ޝަރަފާއި އެމީހުންގެ ހިތްތައް ހަމަ ޖެއްސުމަށްޓަކައި، ކަޅުއަންހެނުން ބާކީ ކޮށްލީބާވައެވެ؟

ހަމަ އެ ވިސްނުމުގައި، މެއިންސްޓްރީމް ދިވެހި ފެމިނިސްޓުންގެ މޭޒު ދޮށުން އަހަރެންކަހަލަ އަންހެނުން ދުރައްޖައްސަައި އެކަހެރިކޮށް އަނގަ ބަންދުކޮށް، އަހަރެން ކަހަލަ މީހުންނޭ ކިޔައިގެން ޗުކުޗުކު ތަޅުވައި އެހަދަނީ ދިވެހި ފެމިނިސްޓުން ކޮން ބޭނުމެއްގައި ބާއެވެ؟  ދިވެހި ޕެޓްރިއާކީ ރުއްސައި، ދިވެހި ފިރިހެނުން ހިތްހަމަޖައްސައިދޭން މެނުވީ، ކާކު ރުއްސާކަށް ހެއްޔެވެ؟ “އިންޓަސެކްޝަނަލް”(7) ވުމުގެ ނަމުގައި “ހެޔޮއެދޭ” ދިވެހި ފެމިނިސްޓުން އެމީހުންގެ ފެމިނިސްޓު އެޖެންޑާއާއިގެން ކުރިއަށް ދާއިރު، ނިކަމެތި އަހަރެންގެ މުޖުރިމު، ގާނޫނު އަސާސީން ފެންނަން ނެތް މޫނުމައްޗަށް ނާރައި ދެވޭނީވެސް ވަކި ވަރަކަށް ނޫންތޯއެވެ!

އަހަރެންގެ މި ސިޓީ ކިޔަމުން ދާއިރު، އަހަރެން މި ދައްކާ ވާހަކައާއި މެދު ހިތްހަމަ ނުޖެހޭ  އަންހެނުން ތިބޭނެކަން އިނގެއެވެ. ހުރިހާ އަންހެނުންނަށްވެސް އެކަކު އަނެކަކު ވައްޓާލާ ދެރަކޮށްނުލާ، އެބައެއްގެ ވާހަކައެއް ދެއްކުމުގެ ޖާގަ އެބައޮތޭ އެމީހުން ބުނެފާނެއެވެ. އަދި ދިވެހި ޕެޓްރިއާކީ އާއި، ދިވެހި ގާނޫނު ތަކާއި މުއައްސަސާ ތަކުން ހުރިހާ އަންހެނުންވެސް ތިބެނީ އެއްވަރަކަށް ނިކަމެތި ކޮށްލާފައޭ އެމީހުން ބުނެފާނެއެވެ. ޚުލާސާކޮށްލާފައި ތިހާ ފަސޭހައިން ތިޔަކަހަލަ ވާހަކައެއް ބުނެވިދާނެއެވެ. އެހެންނަމަވެސް، ހުރިހާ އަންހެނުން ވަނީ އެއް ހަމައެއްގައި ނިކަމެތި ކުރެވިފައޭ ބުނުމަކީ ހަމައެކަނި  ސިސްޖެންޑަރ، މުސްލިމް ދިވެހި އަންހެނުންގެ އަމިއްލަ އެދުމާއި، ހަމައެކަނި އެމީހުންގެ ބޭނުން ފުއްދާލުމަށް ބުނެވޭ ވަރަށް ފަސޭހަ ޖުމްލައެކެވެ. ކިތަންމެ ވަރަކަށް އެބަހެއް ވެރިކޮށްލަން އުޅުނަސް، އެއީ އިންޓަރސެކްޝަނަލް ވުމެއް ނޫނެވެ. އަހަރެން ކަހަލަ އަންހެނުން މިތިބެނީ ކަނޑާ ވައްޓާލާފައެވެ. ނެތް ހައްގެއް ނުވެސް އަތުލެވޭނެއެވެ. އަހަރެން ކަހަލަ އަންހެނުން މި ތަހައްމަލު ކުރާ ވޭނާއި އުނދަގުލަކީ ތި މީހުންނަށް މި ސިޓީ ކިޔާފައި ވާ އުނދަގުލަކަށްވުރެ މާ ބޮޑު އެއްޗެކެވެ.

މާލޭގެ ގަލޮޅު އުތުރު ދާއިރާގެ މަޖިލީސް މެމްބަރު، އަދި ހަމަ އެދާއިރާއަށް އާ ދައުރުރަކަށް ކުރިމަތިލާފައިވާ އީވާ ޢަބްދުﷲ އަކީ ދިވެހި ފެމިނިސްޓުންގެ ލާމަސީލު މިސާލެއްކަމާއިމެދު ވަރަށް ގިނަ މީހުން އިއްތިފާގުވެއެވެ. އެހަކަށްދުވަހު ޓްވިޓަރ ގައި ޝެއަރ ކޮށްފައިވާ ފޮޓޮއަކަަށް ބަލައިލަމާތޯއެވެ. މޫނު ބުރުގާ އަޅައިގެން ހުރި ގަލޮޅު އުތުރު ދާއިރާގެ މީހަކު އީވާ އާއި އެކު ސެލްފީ އެއް ނަގައި ޓްވިޓަރ ގައި ޝެއަރ ކޮށްފައިވާ ޕޯސްޓުގައި ލިޔެފައިވަނީ މިހެންނެވެ: “އަހަރެންގެ މަޖިލީސް މެމްބަރު ޒިޔާރާތް ކުރަނީ. އަހަރެމެން އެއްބަސްވަން އަންހެނުންނަށް އެމީހުންގެ އަމިއްލަ ކަންކަމުގައި އަމިއްލަ ނިންމުންތަައް ނިންމުމުގެ ބާރާއި އިޚްތިޔާރު އޮންނަން ޖެހޭނެކަން، އެހެންވެ އަހަރެމެން ދެމީހުން އެކަކު އަނެކަކަށް ސަޕޯޓު ކުރަން. #އަންހެނުންގެހައްގުތައް #މޫނުބުރުގާއަޅާމީހުންގެހައްގުތައް“. މި ޕޯސްޓުގައި ލިޔެފައިވާ ލިޔުމުގެ މުރާދަށް ބަލައިލާއިރު އޭގައި އެ ބުނަނީ ދިވެހި ރާއްޖޭގެ ވަޒީފާގެ މައިދާން ތަކުގައްޔާއި މުޖުތަމައުގައި، މޫނު ބުރުގާ އަޅާ އަންހެނުންނަށް ނާއިންސާފުން ފިއްތުންތަށް ކުރިމަތިކުރުވާ އަދި ފާޑު ކިޔާ ވާހަކައެވެ.

މޫނު ބުރުގާ އަޅާމީހުންނަށް ތަފާތުކުރާ ކުރުމުގެ ވާހަކަ ދައްކައި އެމީހުންގެ ހައްގުތަކުގެ ވާހަކަ ދައްކަންވީއެވެ. އެވާހަކަ މިހާރު ގިނައިން ދައްކާތީވެސް އުފާކުރަމެވެ. އެހެންނަމަވެސް އަހަރެންނަށް ޔަގީންނުވާ ކަމަކީ އީވާ މެން ކަހަލަ “އިންޓަސެކްޝަނަލް” ފެމިނިސްޓުން، އަހަރެންކަހަލަ މީހަކާއެއްކޮށް ފޮޓޯއެއް ނަގައިފާނެ ކަމާމެދުއެވެ. އަހަރެންނާއެކު ސެލްފީއެއް ނަގައި ހޭޝްޓެގަކަށް “އެލް.ޖީ.ބީ.ޓީ+ މަސައްކަތްތެރިންގެ ހައްގުތަށް” ޖެހިދިޔަ ދީފާނެ ބާވައެވެ. އަހަރެންގެ އެކަހަލަ ޕޯސްޓެއް އީވާގެ ކެމްޕޭނުގައި ބޭނުންކޮށްފާނެބާއެވެ؟ ކޮންމެއަކަސް، މިއީ އޭނާގެ ކެމްޕޭނެވެ. އެންމެންގެ ކުރިމަތީގައި އަހަރެން ކަހަލަ ލާދީނީ އަންހެނަކާއި އެކު ފޮޓޯ ނަގައި އެ ފޮޓޯ ކެމްޕޭނުގައި ބޭނުންކުރުމަކީ ސިޔާސީ ގޮތުން އަމިއްލައަށް މަރުވުންފަދަ ކަމެކެވެ.

ސިސްޖެންޑަރ، މޫނުބުރުގާ އެޅިމީހުންނަށްވެސް އަހަރެންނަށް ވުރެ ގިނަ ހައްގުތަށް ލިބެއެވެ. މުޖުތަމައުގައި އެމީހުންވެސް މާ ބާރުވެރިއެވެ. އެހަކަށްދުވަހު ކުރެވުނު “ލާދީނީ”މީހުންނާ ދެކޮޅު އެއްވުންތަކުންވެސް މިކަން ފާހަގަވެއެވެ. ފަހުގެ ތާރީޚެއްގައި ލާދީނީ މީހުން އެމީހުންގެ އިންސާނީ ހައްގުތައް ދޭށޭ ގޮވާލައި އެއްވުމެއް ބޭއްވި ދުވަސް އަހަރެމެން އެންމެން ހަނދާން ހުންނާނެއެވެ. އެދުވަހަށް ފަހު އަދި އަހަރެމެން އެއް ނުވަމުއެވެ.

އަހަރެންކަހަލަ އަންހެނުން އަނދިރި ކަނަކަށް ލާފައި ބޭންދިޔަސް އަހަރެމެން މިއީ ކަނު ބައެއް ނޫނެވެ. ވިނަ އުފުރާފައި  ބޭނުންވާ ވައްތަރުގެ ގަސް އިންދާ ބީދައިން އަހަރެމެން އެއްކިބާކޮށް، ވަކި ކަހަލަ ތަކުލީފެއް، ވަކި ވައްތަރެެއްގެ ހައްގުތަކެއްގެ ވާހަކަ ދެއްކިޔަސްމެއެވެ. އަންހެނުން ނިކަމެތިކުރުވާފައިވާ އެންމެ ގޮތެއް ދެގޮތެއް ނަގައި، އޭގައި ހިފައި ދަމައި، ރޮއެ ހެދިޔަސް އެޔަކީ ހިތްވަރުގަދަވުމެއް ނޫނެވެ. ގަސްތުގައި އަހަރެމެން ބާކީކޮށްލާ ކޮށްލުމުން ތިޔަ ކުރެވެނީ ހާދަ ބޮޑު އަނިޔާއެކެވެ. އޭގެންވެސް މި އިނގެނީ ތިމީހުންނަށް ލިބިފައިވާ، އަދި އަހަރެމެންނަށް ދުވަހަކުވެސް ނުލިބޭނޭ ފުރުސަތުތަކާއި ހައްގުތަކެއް ވާކަމެވެ. ނޭނގޭނަމަ އެއްޗެއް ބުނެދެން ހެއްޔެވެ؟ އެއް ގޮތަކުން ނިކަމެތި ވިޔަސް އެހެންގޮތަކުން އަންހެނަކު ބާރުވެރި ވެދާނެއެވެ. އިންޓަރސެކްޝަނަލިޓީ އޭ މިކިޔަނީ މިއަށެވެ.

މި އަނދިރި ކަނުން ނުކުންނާނެ ވަގުތު އަންނާނީ ކޮންއިރަކުން ބާވައެވެ. އެތިބަ އަންހެނުންގެ މޭޒުދޮށުގައި އިންނާނެ ޖާގައެއް އަހަރެންނަށް ލިބޭނީ ކޮންއިރަކުން ހެއްޔެވެ؟ އަހަންނަކީ އަންހެނެއް ނޫން ހެއްޔެވެ؟

2019ވަނަ އަހަރުގެ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، އަހަރެން ކަހަލަ ދިވެހި އަންހެނުން މިތިބީ އަހަރެމެންނަށްވެސް މިދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވޭނެތޯ ސުވާލުކުރާށެވެ. (އެކި ފަންތީގެ އެކި ކަހަލަ އަންހެނުންނަށް ހުޅުވާލެވިފައޭ ބުންޔަސް އަދި ތިބުނާ ވާހަކައެއް ނޭނގެއެވެ). “މެއިންސްޓްރީމް ދިވެހި ފެމިނިސްޓުން” އެމީހުންގެ ސިކުނޑި ލެވިފައިވާ ފޮށިން ބޭރަށް ވިސްނާނުލިޔަސް އަހަރެންނަށް ވަރިހަމައެވެ. މިއަދު އަހަރެންނަށް މުހިންމީ ފެމިނިސްޓުންގެ ތެރެއިން އަހަރެންނަށް ހަގީގަތުގައިވެސް ހެޔޮއެދޭ މީހުން ހޯދުމެވެ. އެއީ އަހަރެން ކަހަލަ މީހުން އުޅޭކަން ގަބޫލުކޮށް، އަހަރެމެންގެ ހައްގުތަކަށްވެސް ވަކާލާތުކޮށްދޭނޭ މީހުންނެވެ. ނަޒާހަތްތެރި ކަމާއެކު އަމިއްލަ ނަފްސާމެދު ވިސްނައި، އެމީހުންގެ ކިބައިގައި ހަރުލާފައިވާ ނުރަނގަޅު ގަބޫލުކުރުންތަކާމެދު ވިސްނާ ސުވާލު އުފައްދާ މީހުންނެވެ. އަހަރެންނަކީވެސް ދިވެއްސެއްކަން ގަބޫލުކުރާ ހެޔޮއެދޭ މީހުންނެވެ.

އަހަރެން ސިޓީ މި ލިޔަނީ އެނޮނިމަސް އެކައުންޓަކުންނޭ ބުނެ ސުވާލު ކުރާ މީހުންނަށް ބުނެލަން ބޭނުމެވެ. އަހަރެންގެ ނަން ބޭނުން ކޮށްގެން މި ވާހަކަ ދައްކަން ބިރުގަންނަ ފަދައިން ތިިމީހުންވެސް އަހަރެމެންގެ ހައްގުގަ ވަކާލާތުކުރަން ބިރުގަންނަނަމަ، ތިމީހުންގެ ކިބައިގައި ނެތް ބިރުކުޑަކަމަކަށް ތައުރީފު ލިބިނުގަންނާށެެވެ. އަހަރެން ކަހަލަ މީހުންނަކީ ތިމީހުންނަށް ހުރި ދުއްތުރާލެކެވެ. އަދި ތިމީހުން ކިތަންމެ ފޫހިވިޔަސް ވަރިހަމައެވެ. އަހަރެމެންކަހަލަ މީހުން ނެތްނަމަ، ތިމީހުން މިހާރުވެސް ތިޔަ ދައްކާ އުސޫލުން އަންހެނުންގެ ހައްގޭ ކިޔާލަ ކިޔާލަ ތިބޭނެއެވެ.

މިއީ 2019ވަނަ އަހަރެވެ. އަނދިރި ކަނެއްގައި މިހިރަ މޭޒު ދޮށުގައި އިނދެ އިންތިޒާރު މި ކުރެވެނީ، ދީނީ އަދި ލާދީނީ އަންހެނުން މިރޭގެ “އޮކިއުޕައި” ހަރަކާތްތަކުގައި ބައިވެރިވަމުންދާއިރު، އަހަރެން ކަހަލަ ދިވެހި އަންހެނުންނަށް އަމިއްލަ ނަފްސާއި ހަށިގަނޑު، މިނިވަންކަމާއެކު އުފަން މި ދިވެހި ބިމުގައި “އޮކިއުޕައި” ކުރެވޭނޭ ދުވަހަކާއިމެދުއެވެ.

ބަލަ އަހަރެންނަކީވެސް އަންހެނެއް ނޫންތަ؟

ޢިޚްތިރާމާއެކު،
ކަނބާފާނު


 

(1) ފެމިނިސްޓް:އަންހެނުންގެ ހައްގުތަކަށް ވަކާލާތުކޮށް، އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތް ކުރާ މީހެއް.

(2) ތަބީޢީ ގޮތުން ދެ ޖިންސުގެ މީހުންދެކެވެސް އެއް ހަމައެއްގައި ލޯބިވާ، ނުވަތަ އެޓްރެކްޓް ވާ މީހުން.

(3) އުފަންވާއިރު މީހެއްގެ މައްޗައް ނިޔައު ކުރާ މިންތިއަށް ނިސްބަތްވާ މީހާ.މީގެ އިދިކޮޅަކީ ޓްރާންސްޖެންޑަރ މީހުން، އެއީ  އުފަންވާއިރު މީހެއްގެ މައްޗައް ނިޔައު ކުރާ މިންތި ނޫން އެހެން މިންތިއަކަަށް ނިސްބަތްވާ މީހެއް.މިސާލަކަށް މިންތި އަކީ ފިރިހެން ކަމަށް ކަނޑައެޅިފައިވާ މީހަކީ ހަގީގަތުގައި އަންހެން މިންތީގެ މީހަކަށްވުން. 

(4) މާގިނައިން ބޭނުންކުރެވޭ، ނުވަތަ އޮރިޖިނަލް ވިސްނުމާއި ޚިޔާލު ނެތް ބަސްބަސް، ނުވަތަ ޖުމްލަ، ނުވަތަ ޚިޔާލެއް. 

(5)  ބިނާކުރަނިވި ބައްޓަމަށް ވިސްނާ ފިކުރުކޮށް، ކަންކަން އަންދާޒާ ކުރުމުގެ ގާބިލްކަން.

(6) އިޖްތިމާއި، އިގްތިސާދީ، ސިޔާސީ އަދި އާއިލީ ހުރިހާ ކަންކަމުގައި އެންމެ ބާރުގަދަ ބަޔަކީ ފިރިހެނުންކަމުގައި ކަނޑައެޅިފައިވާ ވުން. 

(7) ހުރިހާ އަންހެނުންނަކީ އެއް ހަމައެއްގައި ނިކަމެތި ކުރެވިފައިވާ ބައެއް ނޫންކަން އަންގައި ދިނުމަށްޓަަކައި، ކަޅު ނަސްލުގެ ޢިލްމުވެރިއްކަމަށްވާ ކިމްބަލޭ ކްރެންޝޯ އުފެއްދެވި ލަފުޒެއް.އެއް ގޮތަކުން ނިކަމެތި ވެފައިވާ އަންހެނެއް އެއީ އެހެން ގޮތަކުން އަނެއް އަންހެނާއަށްވުރެ ބާރުވެރި ވެފައިވާ މީހަކަށް ވެދާނެއެވެ.މިސާލަކަށް މާލޭގެ ގެދޮރުވެރި އަންހެނަކީ ރަށަކުން މާލެ ހިޖުރަ ކުރި އަންހެނަކަށްވުރެ، ގެދޮރުވެރިކަމުގެ ގޮތުން، ބާރުވެރި މީހެކެވެ.އިންޓަރސެކްޝަނަލް ފެމިނިޒަމް އަކީ މިކަން ހަނދާނުގައި ބަހައްޓައިގެން، މުޖުތަމައުގައި އެންމެ ނިކަމެތިވެފައިވާ އަންހެނުންނަށް ހާއްސަ ސަމާލުކަމެއް ދީގެން، ހަމަހަމަ ކަމަށް ގޮވާލާ ގޮވާލުމެކެވެ.

 

 

 

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s